ލ.މާވަށް
ތައާރަފް
ހައްދުންމަތީ މާވަށަކީ އެ އަތޮޅު ހުޅަނގު ދުނީގައި، މީހުން އުޅޭ އެހެން ރަށްރަށާ އެ ކަހެރިކޮށް އޮންނަ ރަށެކެވެ. މި ރަށް އޮންނަނީ ހުޅަނގުދެކުނު ދުނީގެ އެންމެ ހުޅަނގުއުތުރު ކޮޅުގައެވެ. މި ރަށަށް މާވަށޭ ކިޔަނީ މަލެއްގެ ސިފައިގައި ތިން މުއްޔަކަށް އޮންނާތީކަމަށް ވެސް ކިޔައި އުޅެއެވެ. ނުވަތަ ރަށުގެ ކޮންމެ ފަރާތަކުން ދަތުރުކުރިޔަސް އަބަދު އެއް ދިގުމިނެއްގައި ފެންނާތީ، އިހުގެ ދަތުރުވެރީންނަށް މިއީ ހަގީގަތުގައި ވެސް ވަށްކޮށް އޮންނަ ރަށެއްކަމަށް ޤަބޫލުކުރެވިގެން ކިޔައިފައި އޮތް ނަމަކަށް ވެދާނެއެވެ. ނަމަވެސް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މާވަށަށް “މާވަށް” މި ނަން ކިޔުނީ އެ ރަށުގައި ކަނޑޫ ފަލެއް އޮންނާތީއެވެ. މާވަށް މި ނަމުގެ މާނައެއްކަމަށް ދިރާސާކުރާކުރައްވާ ބޭފުޅުން ވިދާޅުވަނީ “ކަނޑޫފާ އޮންނަ ރަށް”ކަމުގައެވެ.
މާވަށް އޮތީ އުތުރު ޢަރުޟުން ގާތްގަނޑަކަށް ’53.º01އާއި ’50.º01އާއި އިރުމަތީ ޠޫލުން ގާތްގަނޑަކަށް ’15.º73އާއި ’13.º73އާ ދެމެދުގައެވެ. ރަށުގެ ވަށައިގެން ވަރަށް ބޮޑު ތިލަ ފަޅު އޮންނަ މި ރަށުގެ ދިގުމިނަކީ ގާތްގަނޑަކަށް 1000 މީޓަރެވެ. ފުޅާ މިނަކީ 800 މީޓަރެވެ. މި ރަށުގެ އާބާދީއަކީ (2023 ފެބްރުއަރީގައި) 2030އެވެ. މިއީ މިހާރު އަތޮޅުގައި ތިންވަނައަށް އެންމެ ބޮޑު އާބާދީއެވެ.
މާވަށަކީ އިހުޒަމާނުއްސުރެ މެހެމާނުން ހައްދުމަތީގެ “ހިތް”ކަމަށް ބަލައިއުޅުނު ރަށެވެ. އަތޮޅުގެ އިރުމަތީ ބިތުގެ ރަށްރަށުގެ މީހުން ކާބޯތަކެތި ހޯދުމަށާއި އެހެނިހެން ބޭނުންތަކަށް މި ރަށަށް ވަރަށް ގިނައިން އައިސް އުޅެއެވެ. ހައްދުންމަތީގައ އެއަރޕޯޓާއި މި ނޫނަސް އެހެނިހެން ބިނާރުތައް އަތޮޅުގެ އިރުމަތީ ބިތުގައި ގާއިމުކުރެވެންދެން ވަރަށް ގިނަ ރަށްރަށުގެ މީހުން ދިރިއުޅުމަށް ޓަކައި އާމްދަނީ ހޯދާ ރަށެއްކަމަށް މާވަށް ބަލައި އުޅުނެވެ. މިއަދުގެ ޖީލަށް މި ކަން އެނގިފައި ނެތަސް އަދި ގަބޫލުކުރާން ފަސޭހަ ނުވިޔަސް މިއީ ހަގީގަތެކެވެ.
މާވަށު މީހުން ދިރިއުޅުމަށް ޓަކައި ޒަމާނުއްސުރެ ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. އަދި ދަނޑުވެރިކަމަކީ ވެސް ފުޅާ ދާއިރާއެއްގައި އެ މީހުން ކޮށް އުޅުނު މަސައްކަތެކެވެ. މާވަށާއި މާވަށް ފަޅު ތެރޭގައި އަދި މާވަށާ ކައިރި ފަޅުރަށްރަށުގައި ބިންބިއާއި ކުދިމަތާއި ދޮނޮޅައާއި ޒުވާރި ފަދަ ގޮވާމުގެ ބާވަތްތައް ވަރަށް ފުޅާ ދާއިރާއެއްގައި، ބޮޑެތި ދަނޑުތަކުގައި ހައްދައި ކޮށާރުތަކުގައި ޖަމާކޮށްފައި އަބަދު ވެސް އޭރު ހުރެއެވެ. މީހުން ގިނަވެ ބިން ފުރެމުން ދިޔުމުގެ ސަބަބުންނާއި ޒަމާނަށް އައި ބަދަލުގެ ސަބަބުން ކުރީން ކޮށް އުޅުނު ދަނޑުގޮވާމުގެ މަސައްކަތް ހުއްޓިފައިވީ ނަމަވެސް މިއަދު ވެސް ތަފާތު ބާވަތްބާވަތުގެ ތަރުކާރީއާއި މޭވާ ހައްދައި އުޅެއެވެ. މާވަށަކީ އަނބުގަސް ގިނަ ހިޔާ ބޮޑު ރަށެކެވެ. އަދި ހުރިހައި ބާވަތެއްގެ ވަޑާމާއި ޢިމާރާތްކުރުމުގެ މަސައްކަތަކީ ވެސް އާމްދަނީ ހޯދުމަށް ޓަކައި މި ރަށު މީހުން ކޮށް އުޅޭ މަސައްކަތްތަކެވެ. މި ޒަމާނުގެ މަސައްކަތްތަކަށް ބަލާ އިރު ވެސް ވެލްޑިންގކުރުމާއި ފައިބަރުގެ މަސައްކަތުގެ މާހިރުން މިއަދު ވެސް މާވަށުގައި އެބަ ތިއްބެވިއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ވެސް މި ރަށުގެ ވަރަށް ގިނަ ޒުވާނުން އެކި ދާއިރާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވަމުން އެބަ ގެންދެއެވެ
މަސައްކަތްތެރިކަމުގެ ގޮތުން ވެސް މާވަށަކީ މަޝްހޫރުވެފައިވާ ރަށެކެވެ. ހުރިހާ ބާވަތެއްގެ މަސައްކަތްތެރިކަމާއި އަތު މަސައްކަތަކީ މި ރަށުގެ މީހުންގެ ޚާއްޞަ ފަންނެކެވެ. އަދި މި ރަށު މީހުންނަކީ އަތުލިޔުމުގެ ފަންނުގައި ޚާއްޞަ ބަޔެކެވެ. އާންމު ގޮތެއްގައި ގިނަ މީހުން ރީތިކޮށް ޢަރަބި ތާނަ ލިޔެ އުޅެއެވެ. މިއަދު ވެސް ރާއްޖޭގެ އެންމެ މަޝްހޫރު އަތުލިޔުންތެރީންގެ ތެރޭގައި މި ރަށު މީހުން ހިމެނެއެވެ. ރާއްޖެއަށް ކޮންޕިޔުޓަރު ތަޢާރަފުވުމުގެ ކުރީން މި ފަދަ އަތުލިޔުންތެރީން މާލޭގައި ޗާފުކޮށްގެން ނެރުނު ނޫސްތަކަށް ޗާޕަށް ލިޔުމުގެ މަސައްކަތުގައި ގިނަ ދުވަސްތަކަކަށް ޚިދުމަތްކުރިއެވެ.
މާވަށު އެތެރޭ ބަނދަރާއި ބޭރު ބަނދަރަކީ ވެސް އާދަޔާ ޚިލާފަށް މަޑު ބަނދަރެކެވެ. އާދަޔާ ޚިލާފަށް ވިއްސާރަކުރާން ފަށައިފި ނަމަ، އަތޮޅުގެ އެހެން ސަރަހައްދުތަކުގައި ހުންނަ މަސްކިރާ ބޮޑެތި ބޯޓުފަހަރު މާވަށާ ދިމާއަށް މިސްރާބު ޖަހަނީ އެހެންވެގެންނެވެ. ކޮންމެ ދިމާއަކުން ވައިޖެހުނަސް މާވަށު ބަނދަރެއް ގަދައެއް ނުވާނެއެވެ. މާވަށުގައި ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަމާއި ގިނަ ކެފޭތަކާއި ރެސްޓޯރަންޓްތައް ވެސް މިހާރު ހުރެއެވެ.