މާވަށުގައި މަގުބައްތި ޖެހުމުގެ ޢަމަލީ މަސައްކަތްފެށިގެން ކުރިއަށް،މާވަށު މަގުތަކުގައި ކައުންސިލުން ޖެހުމަށް ހަމަޖެހިފައިވާ މަގުބައްތި ޖެހުމުގެ މަސައްކަތް ފެށިގެން ކުރިޔަށް އެބަދެއެވެ. ފުރަތަމަ ފިޔަވަހީގައި އިސްކަމެއްދީގެން ބައްތިތައް ޖެހުމުގެ މަސައްކަތް ކުރިޔަށްދާނީ ރަށުގެ ހުރިހާ ބޮޑެތި މަގުތަކުގައެވެ. މިގޮތުން 100 ބައްތި ޖެހުމަށްވަނީ ހަމަޖެހިފައެވެ. އަދި މިފެށޭ އާއަހަރުގެ ފުރަތަމަ ދުވަހުގައި މިބައްތިތައް ދިއްލާލެވޭނެ ވަރު ވާނެކަމަށް ލަފާކުރެވެއެވެ.

މި މަސްރޫއުގެ ދަށުން މިހާރު ރަށުގެ ބޮޑުމަގުކަމަށްވާ "ރޯޝަނީމަގު"ގައި ޖަހާ ބައްތީގެބުޑުތައް ޖަހާތަން ކޮނެވި އަދި ބައެއް ބުޑުތަކުގެ ކޮންކްރިޓް މަސައްކަތް ވަނީ ނިމިފައެވެ. ބައްތިތައް ޖަހަމުންދާނީ ދެބައްތިދޭތެރޭގެ ދުރުމިން ގާތްގަޑަކަށް ސަތޭކަފޫޓު ހުންނަވަރަށެވެ.

މިމަސަކަތް ކުރުމަށް ބިޑް އުސޫލުން ހަވާލުކުރެވިފައިވަނީ، މިއަހަރުގެ ނިޔަލަށް މަސައްކަތް ނިންމާ ގޮތަށް، ރަށުގައި އަމިއްލަ ފާމަސީއެއްވެސް ހިންގަމުންއަންނަ ކުންފުނި " ޕްރައިމް ޓްރޭޑިންގ" އާއެވެ.