މާވަށުގައި މަގުބައްތި ޖެހުމުގެ ފުރަތަމަ ފިޔަވަހީގެ ޢަމަލީ މަސައްކަތްނިމި ދިއްލާލުން
17-01-2023
ހައްދުންމަތީ މާވަށު ކައުންސިލުން އިސްކަމެއްދީގެން ރަށުގެ ބޮޑެތި މަގުތަކުގައި ޖަހަމުން ދިޔަ މަގުބައްތިތައް ޖެހުމުގެ ޢަމަލީމަސައްކަތްނިމި، މަގުތައް މިރޭ ދިއްލާލެވޭނެއެވެ.
ފުރަތަމަ ފިޔަވަހީގެ ގޮތުގައި މަގުބައްތިޖަހާފައިވަނީ ރަށުގެ ބޮޑެތި މަގުތަކުގައާއި، ބޮޑަށް އަދިރިކޮށް އޮންނަ ބައެއް ސަރަޙައްދު ތަކުގައެވެ. މީގެއިތުރުން، ކައުންސިލުން ޕްރޮޕޯސަލް ހޯދައިގެން ޔޫ.އެން.ޑީ.ޕީގެ އެހީގައި މިހާރު ބާރުސްޕީޑެއްގައި ތަރައްޤީ ކުރަމުންދާ "ހޭޅިފަންނު" ސަރަޙައްދުގައި 4 ބައްތިޖަހައި، އަދި އިތުރު 2 ބައްތި މި ފިޔަވަހީގައިވެސް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
މިމަސައްކަތް ހަވާލުކޮށްގެން ކުރިޔަށްގެންދިޔައީ މިއަހަރުގެ ނިޔަލަށް މަސައްކަތް ނިންމާ ގޮތަށް ރަށުގައި އަމިއްލަ ފާމަސީއެއް ހިންގަމުންއަންނަ ކުންފުނި " ޕްރައިމް ޓްރޭޑިންގ" އާއެވެ. މިއަހަރުގެ ނިޔަލަށް މިމަސައްކަތް ނިންމުމަށް ހަވާލުކުރެވުނު ނަމަވެސް، މޫސުމަށް އައިބަދަލާއެކު ތަކެތި ގެނައުމަށް ކުންފުންޏަށް ދިމާވި ދަތިތަކާއިގުޅިގެން ، ރަށުގައި ހިނގާ މިކަހަލަ ޕްރޮޖެކްޓް ތަކަށް މުއްދަތު އިތުރުކޮށްދޭ އުސޫލުން މިޕްރޮޖެކުޓަށްވެސް 19 ދުވަސް ، ކައުންސިލުންވަނީ އިތުރުކޮށްދީފައެވެ.
މާވަށުގެ މަގުތަކުގައި މަގުބައްތިޖެހުން ވެގެންދިޔައީ މުޅިންއަލަށް ރަށުގައި ހިންގުނު، ރަށުގެ ރައްޔިތުންނަށް ބޭނުންތެރި ޕްރޮޖެކްޓެއްގެ ގޮތުގައެވެ. ހަމައެއާއެކުމަގުބައްތިޖެހުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް މިއަހަރުގެ ފުރަތަމަ ކްއާޓަރގައި ކުރިޔަށްގެންދިޔުމަށް މިހާރުވަނީ މަސައްކަތު ތާވަލްގައި ހިމެނި ބަޖެޓްކުރެވިފައެވެ. ދެވަނަ ފިޔަވަހީގައި ބާކީހުރި ގޯޅިތަކުގައާއި، ރަށުގައި އަދިރިކޮށް އޮންނަ ގިނަސަރަހައްދުތަކުގައި ބައްތިތައް ޖެހިގެންދާނެއެވެ.
މިޕްރޮޖެކްޓަކީ، އެކިގޮތްގޮތުން ކައުންސިލަށް ލިބެމުންދާ އާމްދަނީ އިތުރުވުމާ ގުޅިގެން ކައުންސިލްގެ ނިމިދިޔަ 2022 ވަނައަހަރުގެ މަސައްކަތުތާވަލްގައި ހިމަނައިގެން ، އެހެންބައެއް ޕްރޮޖެކްޓްތައް މަޑުޖައްސާލުމަށްފަހު ރައްޔިތުންނަށް ނުހަނު ބޭނުންވެފައިވާ ކަމެއްކަމުގައި ދެކިގެން މިކަމަށް ހާއްޞަ ސަމާލުކަމެއްދީގެން ސީދާ ކައުންސިލަށް ލިބުނު އާމްދަނީން ކޮށްފައިވާ ބިޔަ މަސްރޫޢެއްކަން ފާހަގަކުރެވެއެވެ. އަދި ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް މިހިނގާ 2023 ވަނައަހަރުގައިވެސް ކުރިޔަށްދާނީ މިއުސޫލުންކަން ފާހަގަކުރެވެއެވެ.