ލ.މާވަށު ކައުންސިލް މުވައްޒަފުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީން އދ.މަހިބަދޫ، ދަނގެތި، ދިގުރަށަށް ކުރި ތަޖުރިބާ ދަތުރު ( އ.ދ މަހިބަދޫ )ލ.މާވަށު ކައުންސިލް މުވައްޒަފުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީން މިމަހު 23 އިން 24 އަށް އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ، ދަނގެތި އަދި ދިގުރަށަށް ކުރި ދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ހިމެނުނީ އ.ދ އަތޮޅުގެ އަތޮޅުކައުންސިލްވެސް ހުންނަރަށް ކަމަށްވާ އދ. މަހިބަދޫއެވެ. މާވަށު ކައުންސިލް މުވައްޒަފުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީން މިރަށަށް ކުރިދަތުރަށް މަހިބަދޫ ރަށުކައުންސިލުންގެ ހުރިހާ މުވައްޒަފުންގެ ބައިވެރިވުމާއެކު، ވަނީ ހޫނުމަރުހަބާއެއް ކިޔާފައެވެ.

މާވަށުކައުންސިލުން މަހިބަދޫއަށް ކުރި މިދަތުރުގައި އެކިމަސައްކަތްތައް ހިނގަމުންދާ ތަންތަނަށާއި، އެކިއެކި ޚިދުމަތް ދެމުން އަންނަ ތަންތަނަށާއި، ރަށުގެ މުހިއްމު ތަންތަންތަނަށް މަހިބަދޫ ރަށުކައުންސިލުންގެ ބޭފުޅުންނާއިއެކު އެތަންތަނަށް ގޮސް މަޢުލޫމާތު ހޯދައި، ދެފަރާތުގެ މައުލޫމަތު ވަނީ ހިއްސާކުރެވިފައެވެ. މިގޮތުން ފާހަގަކޮށްލެވޭ ތަންތަނުގެ ތެރޭގައި މަހިބަދޫ މިސްކިތާއި، ކައުންސިލުން ހިންގަމުން އަންނަ ޕްރީސުކޫލު، ރަށުގެ ތެޔޮވިއްކާތަން، ރަށަށްއަންނަ ފަތުވެރިންނަށް ޚާއްޞަކޮށްފައިވާ ބީޗު ސަރަހައްދާއި ، ކުނިނައްތާލާ ސަރަހައްދުފަދަ ތަންތަން ހިމެނުނެވެ.

މަހިބަދޫ ރަށުކައުންސިލުންގެ ބައްދަލުވުން

އ.ދ އަތޮޅުކައުންސިލުންގެ ހުރިހާ މުވައްޒަފުން ބައިވެރިވެގެން ތައްޔާރުކޮށްދެއްވި ވަރަށް ފުރިހަމަ މެންދުރުގެ ފަރިއްކޮޅަށްފަހު ދެންކުރިޔަށްދިޔައީ އ.ދ އަތޮޅުކައުންސިލާއި، މަހިބަދޫ ރަށުކައުންސިލާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީއާއެކު އޮތް ހާއްސަ ބައްދަލުވުމެވެ.

މިބައްދަލުވުމުގައި މަހިބަދޫއާއި ބެހޭ ހުރިހާ މަޢުލޫމާތެއް، ހިމަނައިގެން ހަދާފައިވާ ޕްރެޒެންޓޭޝަނެއް މަހިބަދޫ ކައުންސިލްގެ ސެކެރެޓްރީ ޖެނެރަލް ވަރަށް ތަފުޞީލުކޮށް ހުށަހަޅާ ދެއްވިއެވެ. ފާހަގަކޮށްލެވޭކަންތައްތަކަށް ބަލާއިރު ފަތުރުވެރިންނަށާއި، ޢާންމުންނަށް ޙާއްޞަކުރެވިގެން ހަދާފައިވާ ބީޗުތަކާއި، ވިޔަފާރި އުސޫލުން ދޫކޮށްފައިވާ ބިންތަކާއި، ރަށުގެ ޕްރީސުކޫލު ހިންގާގޮތުގެ މަޢުލޫމާތާއި، ލޯކަލްޓޫރިޒަމްގެ ކަންތައްތައް ކުރަމުންދާގޮތާއި، މިހިނގާ 2022 ވަނައަހަރުގައި މަހިބަދޫކައުންސިލަށް ހާސިލްކުރެވިފައިވާ ލަނޑުދަޑިތަކުގެ އިތުރުން ލިބިފައިވާ އާމްދަނީއާއިބެހޭ މަޢުލޫމާތު ހިމެނެއެވެ.

މަހިބަދޫ ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި، ތަޖުރިބާހޯދުމަށް މިކުރިދަތުރުގައި އެއްމަންޒިލަކަށް މަހިބަދޫ ހިޔާރުކުރެއްވީތީ

މާވަށުކައުންސިލަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީއަށް ޝުކުރުދެންނެވިއެވެ. އަދި މިދެރަށުގެ މެދުގައި އޮތްގާތްކަން މި ދަތުރުން އިތުރަށް ވަރުގަދަވެގެން ދާނެކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ދެރަށުގައި ކުނިމެނޭޖުކުރާގޮތާއި، ޕްރީސުކޫލުގެ ކަންތައްތަކާއި، ލޯކަލްޓޫރިޒަމްގެނެވިދާނެ ގޮތްތަކާއި އަތުވެއްޖެނަމަ ޢަމަލު ކުރެވިދާނެގޮތްތަކާއި ، އަދި މިނޫނަސް ރަށުގެ ހުރި މިފަދަ އިތުރު ކަންތައްތަކާއި، އިތުރަށް ކުރިޔަށްގެންދެވިދާނެ ޕްރޮޖެކުޓް ތަކާއި، ބެހޭގޮތުން އަލިއަޅުވާލައި ދެފަރާތުގެ ޚިޔާލު ބަދަލު ކުރެވުނެވެ.

މާވަށުކައުންސިލުގެ ރައީސާއި، މިދަތުރުގެ ބައިވެރިންގެ ފަރާތުން، އ.ދ އަތޮޅުކައުންސިލާއި، މަހިބަދޫ ރަށުކައުންސިލްގެ ހުރިހާ މުވައްޒަފުންނާއި އަދި މަހިބަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީގެ އިތުރުން ރަށުގައި ބައެއް ޚިދުމަތްދޭ ފަރާތްތަކުން މާވަށުކައުންސިލާއިދޭތެރޭ ބެހެއްޓި ގާތްކަމާއި، މެހެމާންދާރީއަށް، ޙާއްޞަ ޝުކުރެއް ވަނީ ދަންނަވާފައެވެ.

މަހިބަދޫކައުންސިލު  މުވައްޒަފުންގެ ފަރާތުން ތައްޔާރުކޮށްދެއްވި ހަވީރުގެ ސަޔަށްފަހު މާވަށުކައުންސިލްގެ ޓީމުން ދެވަނަމަންޒިލެއްގެ ގޮތުގައި ދަނގެއްޗަށް ދަތުރުކުރިއެވެ.