ލ.މާވަށު ކައުންސިލް މުވައްޒަފުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީން އދ.މަހިބަދޫ، ދަނގެތި، ދިގުރަށަށް ކުރި ތަޖުރިބާ ދަތުރު ( އ.ދ ދަނގެތި )ލ.މާވަށު ކައުންސިލް މުވައްޒަފުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީން މިމަހު 23 އިން 24 އަށް އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ، ދަނގެތި އަދި ދިގުރަށަށް ކުރި ދަތުރުގެ ދެވަނަ މަންޒިލެއްގެ ގޮތުގައި ދަތުރުކުރީ އ.ދ ދަނގެއްޗަށެވެ.  އިރުއޮއްސުމާއި ދާދި ކުޑަތަންވެފައި ވަނިކޮށް މިރަށަށް އެރުނުނަމަވެސް ދަނގެތިކައުންސިލްގެ މުވައްޒަފުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީން މާވަށުކައުންސިލްގެ ޓީމަށް ވަނީ ހޫނުމަރުހަބާއެއް ކިޔާފައެވެ.

މާވަށުކައުންސިލުން ދަނގެއްޗަށް ކުރި މިދަތުރުގައި ދަނގެތީގައި ހުރި ފާހަގަކޮށްލެވޭ ތަންތަނަށް، ދަނގެތީގެ ކައުންސިލްގެ ބޭފުޅުންނާއެކު ގޮސް މަޢުލޫމާތު ސާފުކުރެވުނެވެ. މިގޮތުން ފާހަގަކޮށްލެވޭ ތަންތަނުގެ ތެރޭގައި ދަގެތީގެ ޙާއްޞަކަން ރަމްޒުކޮށްދޭ މޮނިޔުމެންޓް ބަލާލުމާއި، ރަށަށްއަންނަ ފަތުވެރިންނަށް ޚާއްޞަކޮށްފައިވާ ބީޗު ސަރަހައްދާއި،  ދަނގެތީގައި ހުރި ބައެއް ގެސްޓްހައުސްތަކާ، ކުޅިވަރު ކުޅޭތަންތަން ހިމެނެއެވެ. ރަށުތެރެބަލާލުމަށް ކުރިދަތުރު އިރުއޮއްސުމާއެކު ނިމިގެން ދިޔައީ ކައުންސިލުން އިންތިޒާމްކޮށްދިން ސަޔަށްފަހުގައެވެ.

ދަނގެތީ ރަށުކައުންސިލްގެ ބައްދަލުވުން

މާވަށުކައުންސިލްގެ ބައިވެރިން ދަނގެތީ ކައުންސިލާއި އަންހެނުންތަރައްޤީއަށް މަސައްކަތްކުރާކޮމެޓީއާއި ރޭގަނޑު 20:30 ގައި ބޭއްވިބައްދަލުވުމުގައި ދަނގެއްޗާއި ބެހޭ ހުރިހާ މަޢުލޫމާތެއް، ހިމަނައިގެން ހަދާފައިވާ ޕްރެޒެންޓޭޝަނެއް ދަނގެތީ ކައުންސިލްގެ ފަރާތުން ހުށަހަޅާ ދެއްވިއެވެ. މިގޮތުން ފާހަގަކޮށްލެވޭކަންތައްތަކަށް ބަލާއިރު ރަށާއި ގުޅޭ މުހިއްމު މަޢުލޫމާތުތަކާއި، ކައުންސިލުންދޭ ޚިދުމަތްތައް، ލޯކަލްޓުއަރިޒަމް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، ރަށުގެ ޕްރީސުކޫލު ހިންގާގޮތުގެ މަޢުލޫމާތާއި، ކުނިމެނޭޖުކުރާއި ގޮތާއި، ކުނިމެނޭޖުކުރުމުގައި ދިމާވާ ދަތިތަކާ ބެހޭގޮތުން، ވާހަކަ ދެކެވުނެވެ.

ދަނގެތީ ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި، ތަޖުރިބާހޯދުމަށް މިކުރިދަތުރުގައި ދަނގެތި ހިޔާރުކުރެއްވީތީ މާވަށުކައުންސިލަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީއަށް ޝުކުރުދެންނެވިއެވެ.  މިބައްދަލުވުން ނިމުމަށްފަހު ދެންއޮތީ ދަނގެތީ ކައުންސިލުގެފަރާތުން ދެއްވި ރޭނގަޑުގެ ފަރިއްކޮޅެވެ.

މާވަށުކައުންސިލުގެ ރައީސާއި، މިދަތުރުގެ ބައިވެރިންގެ ފަރާތުން، ދަގެތީ ކައުންސިލާއި، އަންހެނުންތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން މާވަށުކައުންސިލްގެ ޓީމާއި ބެހެއްޓި ގާތްކަމާއި މެހެމާންދާރީއަށް، ޙާއްޞަ ޝުކުރެއް ވަނީ ދަންނަވާފައެވެ.

މާވަށުކައުންސިލުން ދަނގެއްޗަށްކުރި ދަތުރުގައި، އެރޭ ދަނގެތީގައި މަޑުކުރުމަށްފަހު، ފުރާފައިވަނީ 24 ވަނަދުވަހު ހެނދުނު 09:00 ގައެވެ.