މާވަށުކައުންސިލްގެ ލޯގޯ، ލެޓާރހެޑް، ސްޓާފްކާޑު، ސްޓާފް ޔުނީފޯމް، އިފްތިޠާހް ކުރުން
03-01-2023
މި ފެށުނު އާއަހަރުގެ ފުރަތަމަ ހާއްސަކަމެއްގެ ގޮތުގައި، ލ.މާވަށު ކައުންސިލްގެ ލޯގޯ، ލެޓާރހެޑް، ސްޓާފްކާޑު، ސްޓާފް ޔުނީފޯމް، ތަޢާރަފުކޮށް މުވައްޒަފުންނާ ވަނީ ހަވާލުކޮށްފިއެވެ. މާވަށު ކައުންސިލްއިދާރާގެ މީޓިން ހޯލްގައި ބޭއްވި ޖަލްސާގައި ކައުންސިލްގެ ލޯގޯ، ލެޓާރހެޑް، ސްޓާފްކާޑު، ސްޓާފް ޔުނީފޯމް، އިފްޠިތާހް ކޮށްދެއްވީ ޝަރަފްވެރި މެހެމާން ލ.އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް ޔޫސުފު އާމިރެވެ.
މި ޖަލްސާގައި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަދެއްކެވީ މާވަށުކައުންސިލްގެ ރައީސް އަލްފާޟިލް އަހްމަދު މޫސާއެވެ. ރައީސްގެ ވާހަކަފުޅުގައި 2022 އަހަރު ރަށުގައި ކުރެވުނު ބައެއް މުހިއްމު ކަންކަން ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި މާވަށުގެ ބަނދަރުން މަސްވެރިންނަށް ފެނާއި، ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރެވުނު މަސައްކަތާއި، އަދި މިހާރު މުޅި މާވަށް އެއްކޮށް ދިއްލާލުމަށް، މަގުބައްތި ޖެހުމަށް ކުރެވުމުންދާ މަސައްކަތް ފާހަގަކުރައްވައި، މިފަދަ ކަންކަން ކުރުމުގައި މުވައްޒަފުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރުދެންނެވިއެވެ.
މާވަށުކައުންސިލްގެ ރައީސްގެ ވާހަކަފުޅަށްފަހު ދެންއޮތީ ކައުންސިލްގެ ލޯގޯ، ލެޓާރހެޑް، ސްޓާފްކާޑު އަދި ސްޓާފް ޔުނީފޯމް، ތަޢާރަފުކުރުމުގެ ގޮތުން، ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލުމެވެ. ޕްރެޒެންޓޭޝަންގައ 2023 ވަނައަހަރު ކައުންސިލުން ބޭނުންކުރާނެ ލޯގޯ އާއި އަލަށް ތަޢާރަފުކުރެވޭ އޮފިޝަލް ޔުނީފޯމް، ވޯރކިންގް ޔުނީފޯމް، ސްޓާފުކާޑް، 2023 އަހަރު ކައުންސިލުން ބޭނުންކުރާނެ ލެޓާރހެޑް ދައްކާލެވުނެވެ. އަދި ލޯގޯގެ ކުލަތަކާއި ބޭނުންކޮށްފައިވާ އެކިއެކި ބައްޓަންތަކުގެ މާނަ ނުވަތަ ރަމްޒުތައް މި ޕްރެޒެންޓޭޝަންގައި ހުށަހަޅާ ދެވުނެވެ.
ޖަލްސާގައި ދެންއޮތީ ޝަރަފްވެރި މެހެމާނުގެ ވާހަކަފުޅު ދެއްކެވުމެވެ. ޝަރަފްވެރި މެހެމާނުގެ އަލްފާޟިލް ޔޫސުފު އާމިރުގެ ވާހަކަފުޅުގައި އިދާރީގޮތުންނާއި ކުރެވޭމަސައްކަތްތަކަށް ބަލާއިރު، މާވަށުކައުންސިލްގެ މަސައްކަތްތައް ފާހަގަކުރެވޭ ކަމަށާއި އަދި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާކޮމެޓީގެ ދައުރު ފުޅާވެފައިވާ މިންވަރު ފާހަގަކުރެއްވިއެވެ. ކައުންސިލްގެ ލޯގޯ، ފަދަ ތަކެތި ބޭނުން ކުރުމަށް ތައްޔާރުވަމުންދާއިރު އެކަމުގެ ހަމަ ހިފެހެއްޓުމަށާ، ދައުލަތުގެ ނިޝާން ނުވަތަ ރަމްޒު ފަނޑުނުވާގޮތަށް ލޯގޯ ބޭނުންކުރުން މުހިއްމުކަމަށް ފާހަގަކުރެއްވިއެވެ. އަދި ރަސްމީ ޔުނީފޯރމްފަދަ މުހިއްމުކަންކަން ތަޢާރަފު ވެގެންދިޔައިރު ޔުނީފޯމްގެ ހައިސިއްޔަތު، އޭގެ ހާއްސަކަން ބޭނުންކުރުމަށް ސަމާލުކަން ދިނުން މުހިއްމުކަމަށް ދެންނެވިއެވެ.
އިތުރަށް ކުރެވިދާނެ ބައެއްކަންކަމާގުޅޭ ބައެއްކަންކަން ފާހަގަކުރައްވަމުން، ރައްޔިތުމީހާ އުފުލަންޖެހޭ ބުރަ ކުޑަކުރުމުގެ ގޮތުން، ކުދި ޑިންގީތަކުގެ ރަޖިސްޓްރީކުރުމާގުޅޭގޮތުންނާއި ކަނޑުލައިސަންސް ނެގުމަށް، އަތޮޅުކައުންސިލުން ރަށަށް އައިސް މިކަންކަން ކުރިޔަށް ގެންދިޔުމަށް ހާއްޞަ ބުރެއް މިއަހަރުގައި ބޭއްވުމާއި މެދު މަޝްވަރާކުރެވުނެވެ.
ސެކްރެޓެރީ ޖެނެރަލްގެ ވާހަކަޔަށްފަހު ދެންއޮތީ ޖަލްސާގެ އެންމެހާއްޞަ އައިޓަމްކަމަށްވާ ކައުންސިލްގެ ލޯގޯ، ސްޓާފްކާޑު، ސްޓާފް ޔުނީފޯމް، އިފްޠިތާހް ކުރެއްވުމެވެ. ސްޓާފްކާޑު، ސްޓާފް ޔުނީފޯމް، އަދި ލޯގޯ ދައްކާލުން ހިމަނައިގެން، ތައްޔާރުކޮށްފައިވާ ވީޑިއޯއަކާއެކު، މި ނަންބަރު ފުރިހަމަކޮށްދެއްވީ މާވަށުކައުންސިލްގެ ރައީސް އަޙްމަދު މޫސާގެ ބައިވެރިވުމާއެކު، ޝަރަފްވެރި މެހެމާން ލ.އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް ޔޫސުފު އާމިރެވެ.
މި ޖަލްސާގައި މާވަށުކައުންސިލްގެ ރައީސް އަދި ކައުންސިލް މެންބަރުންނަށް ސްޓާފްކާޑު އަދި ސްޓާފް ޔުނީފޯމް ހަވާލު ކޮށްދެއްވީ ޝަރަފްވެރި މެހެމާން ލ.އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް ޔޫސުފު އާމިރެވެ. ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަދި އިދާރީ މުވައްޒަފުންގެ ސްޓާފްކާޑާއި ސްޓާފް ޔުނީފޯމް ހަވާލުކޮށްދެއްވީ މާވަށުކައުންސިލްގެރައީސް އަޙްމަދު މޫސާއެވެ.
މާވަށު އަންހެނުންތަރައްޤީއަށް މަސައްކަތްކުރާކޮމެޓީގެ މެންބަރުން، މިސްކިތު މުވައްޒަފުން އަދި ކައުންސިލްގެ ސަޕޯޓް ސްޓާފުންނަށް ސްޓާފްކާޑު އަދި ސްޓ ޔުނީފޯމް ހަވާލުކޮށްދެއްވީ މާވަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލާ މަރިޔަމް މަލީޙާ އެވެ.
މި ހަފްލާގައި ދެންއޮތީ "ކީއްވެ އަހަރެން...؟" މިނަމުގައި ކުރިޔަށްގެންދެވުނު ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ހުށަހަޅާދެއްވީ ލ.އަތޮޅު ކައުންސިލްގެ ކައުންސިލްއޮފިސަރ އަލްފާޟިލް ހުސައިން ހަބީބް އެވެ. މިތަމްރީނު ޕްރޮގްރާމްގައި އިންސާނީ ވަޞީލަތާއި ގުޅޭގޮތުންނާއި، ރައްޔިތުންގެ ބޭނުންތަކަށް މުވައްޒަފުން އެޓެންޑްވާ މިންވަރާއި ބެހޭގޮތުންނާއި، މަސައްކަތު މާހައުލުގައި ދިމާވާއެކިއެކި މައްސަލަތަކާއި، ސްޓާފް ރިލޭޝަން ނުވަތަ ޓީމްވޯކާއި ގުޅޭގޮތުން މައުލޫމާތު ދެއްވިއެވެ.
ޖަލްސާނިމިގެންދިޔައީ ކައުންސިލްގެ މުވައްޒަފުންގެ ފަރާތުން، ޖަލްސާއަށްވަޑައިގެން ބޭފުޅުންނަށާއި ހަފްލާގެ ބައިވެރިނަށް ތައްޔާރުކޮށްދިން ރޭގަނޑުގެ ފަރިއްކޮޅަކުންނެވެ.